ސަފުހާޚަބަރުރިޕޯޓްކުޅިވަރު
27 އޭޕްރީލް 2023
ދޮންނަ މެށިން ގަނޑު އެބުރެނީއެއް ނޫން، ފިހާރާއިގެ ފްރިޖު ޖެހެނީއެއް ނޫން، މައިކްރޯވޭވްއިން އެއްޗެއް ހޫނު ކޮށްލެވެނީއެއް ނޫން، އެއަރކޯން ހިންގާލެވޭނެހާ ހަކަތަ ނުލިބޭ، މިހެން ގޮސް ކިތަންމެއް ޝަކުވާއެކެވެ. ފެނަކައިން ހުޅުމީދޫގައި މި ދޭ ކަރެންޓެކޭ 555 ގެ ބެޓެރިއަކުން ދޭ ކަރަންޓެކޭ އެއްވެސް ތަފާތެއް ނެތް!

މިއީ އަބާދީގައި 6000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ހުޅުމީދޫގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކައާއި ބެހޭ ގޮތުން ދެ އަވަށުގެ ރައްޔިތުންގެ އާންމު ޝަކުވާތަކެވެ. ފެނަކައިން ދޭ ކަރަންޓް ހިދުމަތުގެ ފެންވަރު ދަށްވެ ބޭނުން ނުކުރެވި، ރައްޔިތުންގެ މުދަލަށް އިންތިހާއަށް ގެއްލުން ވަމުން ދަނީއެވެ. އެކަމަކު ބިލް އަންނައިރު އާންމު ރައްޔިތުމީހާ ހޭނެތިގެން ވެއްޓޭހާ ބޮޑެވެ.

ހުޅުމީދޫ ފެނަކައިން ދޭ ކަރަންޓްގެ ވޯލްޓޭޖް ދަށްވެ ލޯޑު ނުހިފެހެއްޓިގެން އުޅޭތާ ކިތަންމެ ދުވަހެކެވެ. އަދި މި މައްސަލަ ފާހަނގަކޮށް މިކަމުގެ ޝަކުވާ ރައްޔިތުން ކުރާތާވެސް ކިތަންމެ ދުވަހެކެވެ. ނަމަވެސް މިކަން ހައްލު ކުރަން އެދެވޭ މަސައްކަތެއް ނުކުރެއެވެ. ވޯލްޓޭޖް ދަށް ވުމުގެ މައްސަލައާއި އެންމެ ބޮޑަށް ކުރިމަތި ލާން ޖެހުނީ މި ނިމުނު ރޯދަމަހުއެވެ. ރޯދަމަސް ތެރޭ އެތަކެއް ވިޔަފާރިއަކަށް ބުރު އަރާ ބައެއް ގޭބިސީ ތަކުގައި އެންމެ އަސާސީ ކަންކަންވެސް ނުކުރެވޭހާ ދަަށަށް ވޯލްޓޭޖް ދަށްވިއެވެ. ހުޅުމިދޫގެ ލޯޑު ބޮޑުވެ ބައެއް ސަރަހައްދު ތަކުގައި 160 ވޯލްޓް އަދި 170 ވޯލްޓް ދެމެދު ގައިވެސް ހުރެއެވެ. ގިނަ ސަރަހައްދު ތަކުގައި ހުންނަނީ 170 ވޯލްޓްއާއި 180 ވޯލްޓްއާއި ދެމެދެވެ. މީ އަސްލު 220 ވޯލްޓްާއާއި 240 ވޯލްޓް ދެމެދު ހުންނަން ޖެހޭ އެއްޗެކެވެ.

މި މައްސަލަ ދިމާވަނީ ހުޅުމީދޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރަމުން އަންނަ ކަރަންޓް ވިއުގައި، މިހާރަށް ބޭނުންވާ ވަރަށް ކަރަންޓް އުފުލުމުގެ ގާބިލުކަން ނެތިގެންނެވެ. ހުޅުމީދޫގައި ކަރަންޓް ދިނުމަ މިހާރު ބޭނުން ކުރާ ކަރަންޓް ވިއުގައަކީ މީގެ އެތަކެއް އަހަރެއް ކުރިން، 1998 ވަނަ އަހަރު ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގިި ޕްރޮޖެކްޓެއްގައި ބެހެއްޓި އިންޖީނު ތަކުން ކަރަންޓް ދިނުމަށް އަޅާފައިވާ ކަރަންޓް ވިއުގައެކެވެ. މި ކަރަންޓް ވިއުގަ އޭރު އަޅާފައިވަނީ އޭރު ކަރަންޓް ބޭނުންކުރާ މިންވަރަށް ބަލައި 15 އަހަރަށް ޕްލޭން ކުރިވިގެންކަން މައުލޫމާތު ލިބިފައިވެއެވެ. އޭރު ކަރަންޓް ބޭނުން ކުރި މިންވަރާއި އަޅާބަލާއިރު، މިހާރު ވަނީ ހަތަރު ފަސް ގުނަ އިތުރު ވެފައެވެ. މިހެން ވުމުގެ ސަބަބުން މި ކަރަންޓް ވިއުގައާއި އަދި މި ވިއުގައަށް ގުޅާފައިވާ ފޯމަރުތައް އަބަދުވެސް މިހާރު ހިންގަމުންދަނީ އޯވާލޯޑްގައެވެ.

ހުޅުދޫވޮއިސްއިން ހޯދި މައުލޫމާތުތަކަށް ބަލާއިރު ކަރަންޓް އެންމެ ދަށް ސަރަހައްދު ތަކަގެ ތެރޭ ހިމެނެނީ މީދޫ ޝަމްސުއްދީން ސްކޫލްް ހުންނަ ސަރަހައްދާއި ހުޅުދޫ އޮފީސް ސަރަހައްދުގައި ބަހައްޓާފައިވާ ފޯމަރުން ކަރަންޓް ދީފައިވާ ފޮށިތަކެވެ. މި ސަރަހައްދު ތަކުގެ ތެރެއިން މީދޫ ޝަމްސުއްދީން ހުންނަ ސަރަހައްދަކީ އާދަޔާ ހިލާފަށް ވޯލްޓޭޖް ދަށް ސަރަހައްދެކެވެ. މި ސަރަހައްދުގައި އުޅޭ ރައްޔިތުން ކޮންމެ ދުވަހަކުހެން އެކަމުގެ ޝަކުވާ ސޯޝަލް މީޑިޔާގައާއި އެހެނިހެން ގޮތްގޮތައް ކުރެއެވެ. އަދި މީގެ އިތުރުން ފެނަކައި ބަލަހައްޓަމުން އަންނަ ނަރުދަމާ ނިޒާމުގެ ޕަމްޕް ސްޓޭޝަންކަށްވެސް ހަމައަށް ކަރަންޓް ނުލިބުމުގެ ސަަބުން އެ ސްޓޭޝަންތައް ހުއްޓި އެލާމް އަޅާ މުޅީ ސަރަހައްދު ގުގުމާލައެވެ.

ކަން މިހެން ހުރުމުން ހުޅުމީދޫ ރައްޔިތުން، ފެނަކަ ވެރިންގެ އަރިހުން މި އެދެނީ ކަރަންޓްގެ މައްސައަށް އަވަސް ހައްލެ ހޯއްދަވައި، ސްޓޭބަލް ކަރަންޓެއް ދެއްވައި ހުޅުމީދޫ ބްރާންޗްގެ ގާބިލުކަން އިތުރު ކޮއްދެއްވުމަށެވެ.