ފުރަތަމަ ޞަފްހާޚަބަރުރިޕޯޓްކުޅިވަރުކެނޑިޑޭޓުން
ރައީސް މުއިއްޒު ހުޅުދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފައިލް ފޮޓޯ
ސުކޫކަށް ދައްކަން ޖެހުނު 524 މިލިއަން ޑޮލަރު ދައްކައިފި
އެޑްމިން
2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކާފައިވާ ކަމަށް މާލީ ކަންކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މީގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރަސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ.
މި ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މި ދަރަނި އަދާކުރުމާއެކު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މާލީ ވުޒާރާއިން ބުނި ގޮތުގައި މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ “ސަނީ ސައިޑް” ބޮންޑު ދެއްކުމަށްޓަކައި ރައީސް ސާލިޙުގެ ސަރުކާރުން ނަގާފައިވާ ދަރަންޏެކެވެ. އަދި މި ސުކޫކަކީ ދުނިޔޭގެ އިޤްތިޞާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަންވެސް ފާހަގަކުރިއެވެ.

2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި މިހާރުގެ ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔަތަށާއި އިޤްތިޞާދަށް ނޭދެވޭ އަސަރެއް ނުކުރާނޭހެން ދަރަނި އަދާކުރުމަށް ޚާއްޞަ އިސްކަމެއް ދީފައެވެ.

މިގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ އެސް.ޑީ.އެފް ފަންޑަށް ބޭރު ފައިސާ ޖަމާކުރަން ފެށުމެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ސަރުކާރުން ވަނީ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ބަދަލު ގެނެސް، ފަންޑަށް ވަންނަ ފައިސާ އިތުރުކޮށްފައެވެ. މި ބަދަލު ގެނެސްފައިވަނީ އެއާޕޯޓުން ދަތުރުކުރާ ދިވެހިންނަށް އެއްވެސް ބުރައަކަށް ނުވާނޭ ގޮތުގެ މަތިންނެވެ.

ސަރުކާރުގެ ނޫސް ބަޔާން
ި ފިޔަވަޅުތަކާއެކު އެސް.ޑީ.އެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. އަދި ދައުލަތުގެ ރަސްމީ ރިޒާވް މި އހަރުގެ މާރިޗު މަސް ނިމުނުއިރު، މިހާރު 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ރިޒާވް އެންމެ މަތިވި ފަހަރެވެ.

މި ސުކޫކް ދައްކާ ނިމުމާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ ޚިދުމަތްތަކާއި، މުދާ މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، އިޤްތިޞާދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑު ދެއްކުން ފަސްކުރުމުގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް މާލީ ވުޒާރާއިންބުނެފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހަމަޖެހުން ދަމަހައްޓައި، ދައުލަތުގެ ދަރަނި ދަށްކުރެވެނިވި މަގަކަށް ރުޖޫޢަކުރުން ކަމަށްވެސް މާލީ ވުޒާރާގެބަޔާނުގައިވެއެވެ.
މިލިޔުން ކިޔާލުމުން
57%
43%


ކޮމެންޓްތައް