ސަފުހާޚަބަރުރިޕޯޓްކުޅިވަރު
26 ޖޫން 2022
މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއަރުވަން، ސިޓީގެ ހުރިހާ އަވަށަކުންވެސް ވަނީ ވަކި ސަރަހައްދު ތަކެއް ކަނޑައަޅާ، އެ ސަރަހައްދުތަކުން އެކި އެކި ފަރުދުންނަށާއި ވިޔަފާރިތަކަށް، ބިޑު އުސޫލުން ވަނީ ބިން ދޫ ކޮށްފައެވެ. އަދި ބައެއް އަވަށުގައި ބިޑު އުސޫލުން ބިން ކާމިޔާބު ކުރެއްވި ފަރާތްތަކުން ބިންތަކާއި ހަވާލުވެ ގެސްޓް ހައުސް އެޅުމުގެ އަމަލީ މަސައްކަތް ކުރަމުން އެބަގެންދެއެވެ. ނަމަވެސް ހުޅުދޫ މާފިށި ސަރަހައްދުން ބިން ލިބުނު ފަރާތްތަކުގެ ތެރެއިން އެއްވެސް ބަަޔަކާއި އަދި ބިން ހަވާލެއް ނުކުރެއެވެ،

އެނގިވަޑައިގަންނަވާނޭ ފަދައިން މި ޕްރޮޖެކްޓަކީ އައްޑޫ ސިޓީގައި "މަރު" ވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ދިރުމެއް ގެނެސް އައްޑޫގެ އިގުތިސާދު ކުރިއެރުވުމައްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ފެއްޓެވި މަސައްކަތެކެވެ. އެގޮތުން ސިޓީގެ ހުރިހާ އަވަށަކުންވެސް ބިންތައް ހަމަޖައްސައި، އެތައް މިލިއަން ރުފިޔާއެއް ހަރަދު ކޮށްގެން ބިން ސާފުކޮށް އަދި ލޭންޑް ސްކޭޕް ހެދުމަށްފަހު، ގެސްޓް ހައުސް ސަރަހައްދަށް ކަަރަންޓް ގުޅައި އަލި ގަދަކޮށް ދިއްލިއެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ބިންތަކުގައި ބިޑު ކާމިޔާބު ކުރި ފަރާތުން އެއްވެސް މަސަކައްކަތެއް ކުރިއަކަށް ނުގެންދެއެވެ. ހާއްސަކޮށް ހުޅުދޫ އަވަށުގެ އެއްވެސް ބިމެއް އަދި މިހާތަނަށް ހަވާލެއްވެސް ނުކުރެއެވެ. އެކަމަކު މީދޫ އަވަށާއި ހިތަދޫ އަވަށުގެ ގެސްޓްހައުސް އޭރިޔާގެ ބަޔެއް ބިންތައްވަނީ ހަވާލުކުރެވިފައެވެ. އަދި ހިތަދޫގައި ބިމާއި ހަވާލުވި ފަރާތުން މަސައްކަތް ކުރަމުންވެސް އެބަ ގެންދައެވެ. ގެސްޓްހައުސް ސަރަހައްދަށް ފެނާއި ނަރުދަމާ ގުޅަން ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންސްއާއެވެ. އެފަރާތުންވެސް އެއްވެސް އަމަލީ މަސައްކަތެއް ކުރާތަނެެ އަދި ނުފެނެއެވެ.

ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫ މާފިށި ސަރަހައްދުން ގެސްޓްހައުސް އެޅުމަށް ބިން ހަވާލު ނުކޮށްގެން އުޅެނީ ބިޑު އުސޫލުން ބިން ލިބުނު ބަޔެއް ފަރާތްތަކުން ބިމާއި ހަވާލުވާން ބޭނުން ނުވާތީއެވެ. އެޢީ އެގުރީމެންޓްގަ އޮންނަށް ގޭރޭސް ޕީރިޔަޑް (ބިމުގެ ކުލި ނުނަގާ މުއްދަތު) ކަމުގައިވާ 24 މަސް ދުވަސް ގުނަން ފަށާނީ ބިމާއި ހަވާލުވާ ދުވަހުން ފެށިގެން ކަމަށްވާތީވެ، ބިމާއި ހަވާލުވެ މަސައްކަތް ނުފެށި ގިނަ ދުވަސް ވެއްޖެނަމަ އޭގެ ގެއްލުމާއި ބިން ލިބުނު ފަރާތްތަކުން ކުރިމަތިލާން ޖެހޭނިތީއެވެ. ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ބިޑު ކާމިޔާބު ކުރާ ފަރާތާއި ބިން ހަވާލު ނުކޮށް ބޭއްވުމަކީ ބިޑު ޑޮކިއުމެންޓާއި އަދި ބިޑު އުސޫލާވެސް ހިލާކަމެވެ. އެއީ ބިޑް އެވޯޑް ކުރަނީ މަލީ ގާބިލުކަން ހުރިތޯ ނެތްތޯ ބެލުމަށް ފަހު އެންމެ ގިނަ މާކުސް ހޯދާ ފަރާތައް ކަމަށްވާތީއެވެ.