30 ޖުލައި 2024
ހުޅުމީދޫ އަމިއްލަ ވިޔަފާރިވެރިން ވިއްކާ ސިމެންތި ވިކި ހުސްވަންދެން. އެސް.ޓީ.އޯ ހުޅުމީދޫއަށް ގެނައި ސިމެންތި ޝިޕްމަންޓް ނުވިއްކާ ހިފަހައްޓައިފިއެވެ.
ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ 3 ދުވަސް ކުރިން އެސް.ޓީ.އޯ ހުޅުމީދޫއަށް ގެނައި ސިމެންތި ޝިޕްމަންޓް ގެނެސް ގުދަން ކުރިގޮތަށް، އެއްވެސް ބަޔަކަށް ސިމެންތި ދޫނުކޮށް ހިފަހައްޓާފައިވަނީ ލިބުނު ސިމެންތި ވިއްކަންޖެހޭ އަގު، ހެޑް އޮފީހުން ނުދޭތީ ކަމަށް ބުނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެސް.ޓީ.އޯ ހުޅުމީދޫ ފިހާރައިން މިހެން އަމަލު ކުރަނީ، ސިމެންތީގެ ވިޔަފާރިކުރާ އަމިއްލަ ފާރާތްތަކަށް ބޮޑު އަގުގައި ސިމެންތި ވިއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އާންމުކޮށް އެސް.ޓީ.އޯއިން ސިމެންތި ވިއްކާ އަގާއީ އަމިއްލަ ވިޔަފާރިވެރިން ވިއްކާ ސިމެންތީގެ އަގުގެ ބޮޑު ތަފާތެއް ހުރެއެވެ. އެގޮތުން ކޮންމެ ސިމެންތި ބަސްތާއަކުން 15 ނުވަތަ 20 ރުފިޔާގެ ފަރަގެއް އަބަދުވެސް ހުރެއެވެ.
މި ނޫހަށް މައުލޫމާތު ދެއްވި އިމާރާތް ކުރުމުގެ މަސައްކަތް ކުރައްވާ ފަރާތްތަކުން ވިދާޅުވެފައިވާ ގޮތުގައި އެސް.ޓީ.އޯ ހުޅުމީދޫ ފިހާރައިން ވިއްކާ ސިމެންތި ވިއްކުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލު ހިންގަމުންް ގެންދެއެވެ. ބައެއް ފަހަރު، އަމިއްލަ ވިޔަފާރިވެރިންގެ ސިމެންތި ހުސްވާ ވަގުތު، އެސް،ޓީ.އޯ ގުދަނުގައި ހުންނަ ހުރިހާ ސިމެންތިއެއް އެއްކޮށް ވިޔަފާރިންނަށް ދޫކޮށް އެ ސިމެންތިވެސް ބޮޑު އަގުގައި ވިއްކާލައެވެ. މިގޮތަށް އަމަލު ކުރުމުގެ ސަބަބުން މަސައްކަތް ކުރާފަރާތްތަކަށާއި އާންމު ރައްޔިތުންނަށްވެސް ބޮޑެތި ގެއްލުން ވަމުންދާ ކަމަށް ވިދާޅުވެފައިވެއެވެ.