02 މެއި 2024
ހުޅުދޫ އަންހެނުންގެ ގުޅުން (ހުއަނގު) ޖަމްއިއްޔާގެ ރައީސާގެ މަގާމައި ހުންނެވި މަރިޔަމް ޒަހާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހުއަނގު ޖަމްއިއްޔާގެ ރަސްމީ ވައިބަރ ގުރޫޕަށް ޒަހާ ފޮނުއްވެވި އިސްތިއުފާގެ މެސެޖްގައި ލިޔުއްވާފައިވަނީ ދަރިފުޅަށް ގިނަ ވަގުތު ދެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވީ ކަމަށެވެެ. ނަމަވެސް ހުޅުދޫ ވޮއިސްއަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޒަހާ އިސްތިއުފާ ދެއްވާފައިވަނީ ގާނޫނާއި ގަވައިދާއި އެއްގޮތަށް، ދެފުށް ފެންނަހެން ޖަމްއިއްޔާ ހިންުގުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުންނެވެ. ނަން ހާމަނުކުރާ ގޮތަށް ޝަރުތުކޮށް، ހުޅުދޫ ވޮއިސްއާއި މައުލޫމާތު ހިއްސާ ކުރެއްވި ފަރާތުން ވިދާޅުވި ގޮތުގައި ހުއަނގު ޖަމްއިއްޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދެފުށްފެންނަ އުސޫލުން ކަންކަން ރާވައި ހިންގުމުގެ ފުރުސަތު ހިންގާ ކޮމިޓީގެ އިސްފަރާތްތަކަށް ނުލިބުމެވެ. ހާއްސަކޮށް ފާއިސާގެ ކަންކަން ބެލެހެއްޓުމުގައާއި ފާއިސާ ހޯދުމުގައި ބޮޑެތި މައްސަލަތަކެއް އުޅޭއިރު، މަގާމުގެ ހައިސިއްޔަތުން ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ފަރާތްތަކަށް، އެނގުމަކާއި ނުލައި ބައެއް މެންބަރުން އަމިއްލައަށް ކަންކަން ކުރައްވަމުން ގެންދިއުމެވެ. އަދި މީގެ އިތުރުން ފާއިސާގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވެފައިވާ ފަރާތުން، ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ އިސް ފަރާތްތަކާއިއެކު، ފާއިސާގެ މުއާމަލާތްތަކުގެ ތަފުސީލް ހިއްސާ ނުކުރުމާއި ފަންޑު ހޯދުމަށް ކުރެވޭ މަސައްކަތުގައި އަމިއްލަ އެކައުންޓް ބޭނުން ކުރުންވެސް ހިމެނެއެވެ.
އިސްތިއުފާއާއި ގުޅިގެން ޒަހާ އެއްވެސް ފަރާތަކާއި އެއްވެސް ވާހަކައެއް ދައްކާފައިނުވެއެވެ. އަދި ޒަހާ އިސްތިއުފާ ދެއްވުމުން އެކަން އަނބުރާގެންދިއުމަށް ހުއަނގު ޖަމްއިއްޔާއިން އެދުނުކަން މިނޫހަށް ވަނީ ކަށަވަރުވެފައެެވެ. އަދި ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ޒަހާއާއި ބައްދަލުކޮށް ވާހަކަ ދައްކަން އެދުމުންވެސް ޒަހާވަނީ އެކަމަށް އިންކާރު ކުރައްވާފައެވެ.
ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިިބިފައިވާގޮތުގައި މީގެ ކުރިން ރައީސާގެ މަގާމުގައި ހަވާލުވެ ހުންނެވި ފާޠިމަތު ސާއީދާ މުތީޢުވެސް އިސްތިއުފާދެއްވީ ޖަމްއިއްޔާގެ ހަރަކާތްތައް ރާވައި ހިންްގުމުގައި ހިންގާ ކޮމިޓީގެ އެއްބާރުލުން ނުލިބުމާއި، އިދާރީ ކަންކަން ގަވާއިދުން ހިންގުމުގައި ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކެއްގެ ސަބަބަންނެވެ.