ސަފުހާޚަބަރުރިޕޯޓްކުޅިވަރު
29 މާރިޗް 2024
ހުޅުދޫގައި މިހާރު ކުރިއަށްދާ މަގުހެދުމުގެ މަޝްރޫއުގެ 45 އިންސައްތަ މަސައްކަތް އެފްކޮންސް އިންފްރާސްޓަރަކްޗަރއިން ނިންމާލައިފިއެވެ.

ހުޅުދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް، ސަރުކާރުން އިންޑިޔާގެ އެފްކޮންސް އިންފްރާސްޓްރަކްޗަރ ކޮމްޕެނީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަގުހެދުމުގެ މަޝްރޫއުގައި މިހާރު ކުރިއަށްދާ ފޭސް1 ގައި ހިމެނޭ މަސައްކަތުގެ ތެރޭ މުޅި ހުޅުދޫ ގައި 19 ކިލޯމީޓަރުގެ ފެންހިންދާ ނިޒާމެއް ގާއިމުކޮށް، ވިއްސާރަ މޫސުމުގައި ފެންބޭރުކުރުމަށް 8 ޕަމްޕް ސްޓޭޝަން ގާއިމު ކުރުމާއި، 4 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި އަދި ބާކީ ހުރި މަގުތައް އެއްވަރުކޮށް ސަބުގެރޭޑް ކުރެވި ސިމެންތި ސްޓެބިލައިޒްޑް ލޭޔަރއެއް އެޅުމަށް ހަމަޖެހިފައިއެވެ. މީގެ އިތުރުން ދުވާރުހަދައި، މަގު ބައްތި ހަރުކުރުމާއި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ހުޅުދޫވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިވަގުތު އެންމެ ބާރަށް މަސައްކަތް ހިނގަމުންދަނީ މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާ ވާރުގޭދީދީ މަގު އަދި ފޮކެޅެމަގު ނިންމުމުގެ މަސައްކަތެކެވެ. މި ދެ މަގަކީވެސް ތާރަ އެޅުމަށް ހަމަޖަހެފައިވާ ދެމަގެވެ. މީގެ އިތުރުން ދުވާރު ހެދުމުގެ މަސައްކަތާއި މަގުތަކުގައި ބައްތި ޖެހުމުގެ މަސައްކަތްވެސް ވަރަށް ހަލުވި ސްޕީޑްގައި ކުރިއަށް އެބަދެއެވެ.

ހުޅުދޫ މަގު ހެދުމުގެ މަޝްރޫއުއަކީ އައްޑޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ހިންގޭ ބޮޑު ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓެއްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. އިންޑިޔަން އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން، އެެފްކޮންސް އިންފްރާސްޓްރަކްޗަރ އަދި ޖީ.ކޭ.ޑީ ކޮމްޕެނީއާއި ހަވާލުކުރެވިގެން ހިންގޭ މި ޕީ.އެސް.އައި.ޕީގެ ޕްރޮޖެކްޓްގެ އަގަކީ 1.1 ބިލިޔަން ރުފިޔާއެވެ.