02 މެއި 2024
ރައްޔިތުންގެ މަޖިލިސް އިންތިހާބު 2024 ނިމި މޮޅުވި ޓީމުން އުފާ ފާޅުކޮށް ހަވާއަރުވާ ނިންމާލައި ގެއަށް ވަދެއްޖެއެވެ. ބަލިވި ޓީމުތަކުން އާންމު ދިރިއުޅުމާއިގެން ކުރިއަށް ދާއިރު، ރަށުތެރެ ހަމަހިމޭންވެ ފަޅުކަން އިހްސާސްވާން ފަަށައިފިއެވެ. ކޮންމެ އިންތިހާބެއްވެސް ނިމިގެން ދާއިރު ޓީމުތަކުން ގިނަގުނަ މަސައްކަތްތަކެއް ކޮށް، ފާހަނގަ ކޮށްލެވޭ ކަންތައްތަކެއް ހުންނާނެއެވެ. އެގޮތުން މިއިންތިހާބުގައިވެސް ވަރަށް ތަފާތު ފާހަނގަ ކޮށްލެވޭ މީހުންނާއި ކަންތައްތަކެއް ފެނިގެންގޮސްފައިވެއެވެ. އެގޮތުން އަލަށް އުފަންވި ކޯގަނޑިގޭފަންނުން ދީދީ ބެއްޔާ ހަރުގޭގައި ކޭންޕެއިން ކުރަމުން ދިޔުމާއި، ފޭސްބުކްގައި އެނބުރުނު ރެޑް އައްލާގެ ތެޔޮބަޖިޔާއާއި، މުޅި ރަށުތެރޭ ގުގުމާލި ޕީ.ޕީ.އެމް/ޕީ.އެން.ސީ ކަނބަލުންގެ ތަށިބަރީގެ އިތުރުން ޓީމް ވައިކުޑަ ވަނީ ފާހަނގަ ކުރެވިފައެވެ.
މިހުރިހާ ކަމެއްގެ ތެރެއިންވެސް މިއިންތިހާބަށް އެންމެ ބޮޑުު ލޮޅުމެއް އަރުވާލީީ އެމް.ޑީ.ޕީ ތެރެއިން ނިކުމެ ޕީ.އެން.ސީ ކެންޑިޑޭޓް މުޙައްމަދު ޝާހިދު(ޝާޑް)އަށް ތާއީދު ދެއްވި ބޭފުޅުން ނުވަތަ ޓީމް ވައިކުޑައިންނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ވައިކުޑަ ޓީމާއި ގުޅޭގޮތުން ތަފާތު ގިނަގުނަ ވާހަކަ ދެކެވެމުން ދިޔައެވެ. އިތުބާރު ނުކުރުމާއި އިޙްލާސްތެރި މަސައްކަތެއް ނުކުރާނެކަމަށް ބުނެ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ އިސް ބައެއް މެންބަރުން ދިޔައީ ޝައްކު އުފައްދާ ލީޑާޝިޕްގައި ޝަކުވާ ދަންނަވަމުންނެވެ. ނަމަވެސް ޝާޑް ދެއްވި އިތުބާރެއްގެ ބޮޑުކަމުންް މެންބަރުންނަށް ޖެހުނީ ކިޔަމެންވެ 'ހަތިޔާރު' ބަހައްޓައި ބޯލަނބާށެވެ. އަދި ޝާޑް ނަމޫނާއަކަށް ބަލައި އާންމު މެންބަރުންވެސް އެ އިތުބާރު ދެއްވުމަށް އެދި ޝާޑްވަނީ އެކިއެކި ބައްދަލުވުން ތަކުގައިވެސް ވާހަކަ ދައްކަވާ އެކަމަށް އެދިލައްވާފައެވެ. ނަތީޖާއެއްގެ ގޮތުން ރަސްމީ ކޭންޕެއިން ފެށި ޓީމް އެކުލަވާލައި މަސައްކަތް ފެއްޓިއިރު ކޭންޕެއިން ޓީމުގެ އިސް ސަފުގައި ތިއްބެވީވެސް ވައިކުޑަ ޓީމް ބޭފުޅުންނެވެ. ޝާޑް ޓީމް މެކުހަށް ޖަހާލި ވަގުތު ރަށުތެރެ ދިޔައީ ގުގުމައިގެންނެވެ. އެންޓި ކޭމްޕެއިންނާއި ބޮޑެތި ފިތުނަތަކުގެ ތެރެއިން ނިކުމެ، އެއް ވާނަކަ ޖައްސާ ކޭންޕެއިން ނިންމާލީ ވައިކުޑަ ޓީމުގެ ބުރަ މަސައްކަތާއި އެކުގައެވެ.
ޕީ.ޕީ.އެމް/ޕީ.އެން.ސީ ތެރެއިން އާއި ގޮންޖެހުން ތަކުގެ އިތުރަށް، އެމް.ޑީ.ޕީ ތެރެއިންވެސް ވައިކުޑަ ޓީމަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނެވެ. ސަބަބަކަށްވީ އަބަދުވެެސް އެމް.ޑީ.ޕީގެ ގޮތުގައި ތިއްބެވި އެމް.ޑީ.ޕީގެ ވަރުގަދަ ފަހުލަވާނުން، ބޮޑެތި އާއިލާ ހިމެނޭހެން 'އުފުރާ' ޝާޑްކޮޅަށް ބަދަލު ކުރަން ފެއްޓުމެވެ. މި މަންޒަރު ބަލަން އެމް.ޑީ.ޕީއަކަށް ކެތެއް ނުކުރެވުނެވެ. އެމް.ޑީ.ޕީއިންވެސް ދިޔައީ ވަރުގަދަ ކޭންޕެއިންނެއް ކުރަމުންނެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް ޝާޑް ޓީމް ދިޔައީ ހުރިހާ ދިމާލަކުންވެސް ކުރި ހޯދަމުންނެވެ. މިމަންޒަރު އޭރު ފެނުނީ މަދުބަޔަކަށެވެ. ވައިކުޑަ ޓީމުން ހުޅުދޫގެ އެމް.ޑީ.ޕީގެ ބިޔަ ބޮޑު ލަޝްކަރު ބައިބައިކޮށް ރޫޅާލީ އެމް.ޑީ.ޕީ ކުރިމަތީ ބަލަބަލާ ތިއްބައެވެ.
ކަން މިހިން އޮތްކަމުގައި ވިޔަސް، ވައިކުޑަ ޓީމްގެ އިތުރަށް ޝާޑް ޓީމްގެ އެހެން މެންބަރުންވެސްވަނީ ގިނަގުނަ ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ކޭންޕެއިންނެއް ރާވައި ހިންގުމަކީ އެކަކު ދެމީހަކަށް ވާވަރަށްވުރެ ބުރަ އުނދަގޫ މަސައްކަތެކެވެ. ނަމަވެސް މި އިންތިހާބުގައި ޓީމް ވައިކުޑައިން ދެއްކީ ހިއްވަރަކީ ޝުކުރު ހައްގު ބުރަ މަސައްކަތެކެވެ.
މިހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަނގަ ކޮށްލެވެނީ ޝާޑްގެ ދުރު ވިސްނުމެވެ. މީގެ އެއް އަހަރު ކުރިން ޓީމު އެކުލަވާލުމުގައި ޕާޓީއަކަށް މޫނަކަށް ކަނދުރާއަކަށް ނުބަލައި ގާބިލު މީހުން އޮންބޯޑް ކުރިކުރުމެވެ. ބޭއްވެވި ގާތް ގުޅުމެވެ. އެހެން ނޫންނަމަ މި އިންތިހާބު އަތުނުޖެހުނީސްއެވެ.
އާޓިކަލް ލިޔުނީ: ވައިކުޑަ ޓީމް މެންބަރެއް ނޫން.