ސަފުހާޚަބަރުރިޕޯޓްކުޅިވަރު
19 މާރިޗް 2024
މި އަންނަ މަހު ބޭއްވޭ 20ވަނަ ރައްޔިތުންގެ މަޖިލިސް ހުޅުދޫ ދާއިރާގެ ކެންޑިޑޭޓުން ފޯރީގައި ކޭންޕެއިން ކުރައްވަމުން ގެންދަވާއިރު، ރައްޔިތުންގެ މެދުގައި އެންމެ ގިނައިން މިހާރު ދެކެވޭ އެ ވާހަކައަކީ، މަޖިލިސް ގޮނޑި މިފަހަރު ކާމިޔާބު ކުރައްވާނެ ބޭފުޅަކާއި މެދެވެ. ކެފޭ ރެސްޓޯރަންޓް އަދި މަގުމަތީގައިވެސް ސިޔާސީ 'ޒުވާބު' ހުރީ ހަތަރުވަނަ ގިޔަރުގައެވެ. ސޯޝަލް މީޑިޔާގައިވެސް ސިޔާސީ ފޯރި އެހާމެ ގަދައެވެ. ފެހި ގާނޫނޫއަސާސީ އާއިއެކު 2008ގައި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތައާރަފުވި ފަހުން، ހުޅުދޫއަކީ އަބަދުވެސް ސިޔާސީ ފޯރި ގަދަ، ސިޔާސީ ކަންކަމުގައި ގިނަ ބަޔަކު ޝާމިލުވާ ދާއިރާއެކެވެ. މިހެންވެ އަބަދުވެސް ހުޅުދޫ ދާއިރާ ވެފައިވަނީ ސިޔާސީ ކަންކަމުގައި އެހެން ދާއިރާތަކަށް ވުރެ ހަލަބޮލި ތަނެއްގެ ގޮތުގައެވެ.

ކުރިއަށްއޮތް މަޖިލިސް އިންތިހާބުގައި ހުޅުދޫ ދާއިރާގެ ގޮނޑިއަށް 4 ކެންޑިޑޭޓުން ވާދަ ކުރައްވާ އިރު، ވާދަވެރިކަން ބޮޑުވެފައިވަނީ، ބޮޑު ދެ ޕާޓީގެ ދެ ކެންޑިޑޭޓުންގެ މެދުގައެވެ. އެއީ ވެރިކަންކުރާ ޕާޓީއިން ނިކުތް މުހައްމަދު ޝާހިދުއާއި އިދިކޮޅު އެމް.ޑީ.ޕީގެ ކެންޑިޑޭޓް ސާމިޢު އަންވަރުއާއި ދެެމެދުގައެވެ. ދެން ތިއްބެވި ދެ ކެންޑިޑޭޓުން ކަމަށްވާ ޑިމޮކްރަޓްސްގެ ކެންޑިޑޭޓް މުހައްމަދު ޔާސީން އަދި އަމިއްލަ ގޮތުން ވާދަ ކުރައްވާ އަޙްމަދު ޝަރީފްއަށް މާބޮޑު ތަފާތެއް ދެއްކިދާނެ ކަމަކަށް ނުބެލެއެވެ.

ތާރީހަށް ބައްލަވާއިރު، މީގެ ކުރިން ހުޅުދޫ ދާއިރާގެ ރައްޔިތުން، ދާއިރާގެ މަޖިލިސް ގޮނޑި އަބަދުވެސް ދެއްވާފައިވަނީ ސަރުކާރަށް އެއްބާރުލުން ދެއްވާ މެންބަރަކަށެވެ. އެގޮތުން 2008 ގައި ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އައިސް 2009 ގައި ބޭއްވުނު މަޖިލިސް އިންތިހާބު (އޭރު ހުޅުމީދޫ ދާއިރާ) ކާމިޔާބު ކުރެއްވީ ސަރުކާރު ފަޅިން އިލްޔާސް ލަބީބެއެވެ. އޭގެ ފަހުން އައި ޕީ.ޕީ.އެމް ވެރިކަމުގައި، 2014 ވަނަ އަހަރު ބޭއްވުނު މަޖިލިސް އިންތިހާބުގައި ހުޅުދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވީ ޕީ.ޕީ.އެމްގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުއެވެ. އޭގެ ފަހުން 2018 ގައި އުފެދުނު އެމް.ޑީ.ޕީގެ ވެރިކަމުގައި، 2019 ބޭއްވުނު މަޖިލިސް އިންތިހާބުގެ ގޮނޑި ރައްޔިތުން ދެއްވީ އެމް.ޑީ.ޕީގެ ކެންޑިޑޭޓް އިލްޔާސް ލަބީބްއަށެވެ.

މި ނަތީޖާތަކަށާއި ދާއިރާ ރައްޔިތުންގެ ވިންދު ހުރިގޮތަށް ބަލާއިއިރު، މި ފަހަރުވެސް ހުޅުދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވާނެކަމަށް ބެލެވެނީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓް ކަމަށް ދައްކައެވެ. ކެންޕެއިން އިވެންޓްތަކާއި ފެންނަ މަންޒަރުތަކަށް ބައްލަވާއިރު، ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކުދަނީ، ޕީ.އެން.ސީގެ ކެންޑިޑޭޓް މުހައްމަދު ޝާހިދުއަށް ތާއީދު ކުރައްވައި ކޭންޕެއިންގައި އަމަލީ ގޮތުން ބައިވެރި ވަމުންނެވެ. އޭގެތެރޭ މީގެ ކުރިން އެމް.ޑީ.ޕީ އިސް ސަފުގައި މަސައްކަތް ކުރެއްވި ވަރަށް ގިނަ ބޭފުޅުންވެސް ހިމެނެއެވެ. ޝާހިދުއާއި އެންމެ ގާތުން ވާދަ ކުރައްވާނެ ކަމަށް ބެލެވޭ އިދިކޮޅު އެމް.ޑީ.ޕީގެ ކެންޑިޑޭޓް ސާމިޢު އަންވަރު، މާލޭގައި ޖަގަހަ ހުޅުވުން ފިޔަވައި ކޭންޕެއިން އިތުރު ހަރަކާތެއް އަދި ހިންގާފައި ނުވެއެވެ. ކުރީގައި ފެންނަށް އެމް.ޑީ.ޕީގެ ބިޔަ ބޮޑު ރީނދޫ ލަޝްކަރުގެ ހިލަމެއް ނެތެވެ. ދެން ތިއްބެވި ދެ ކެންޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަ ކުރައްވާ އަޙްމަދު ޝަރީފު ބޭއްވި ކަންމަތީ ބައްދަލުވުން ނިންމާލަން ޖެހުނީ ތަރުހީބެއް ނުލިބިއެވެ. ޑިމޮކްރަޓްސްގެ ކެންޑިޑޭޓް މުހައްމަދު ޔާސީންގެ ކޭންޕެއިން އެއްވެސް ހިލަމެއް ނެތެވެ.

ހުޅުދޫ ވޮއިސްއިން އެއްކުރި މައުލޫމާތަކަށް ބަލާއިރު ހުޅުދޫ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ވިންދު ހުރީ ސަރުކާރާއި ގުޅިގެން ރަށަށް ކުރެވެންހުރި ހުރިހާކެމެއް ކުރާށެވެ. އަދި އެ ބޭފުޅުން ދެކިލައްވާ ގޮތުގައި އެމަސައްކަތް އެންމެ ފަސޭހައިން ކުރެވޭނީ މިފަހަރުު ޝާހިދަށް ފުރުސަތު ލިބިގެންނެވެ. މީގެ ކުރިން އެކަންވަނީ ތަޖުރިބާ ކުރެވިފައެވެ. އެއީ އެމް.ޑީ.ޕީ ވެރިކަމުގައި އިލްޔާސް، އަދި ޕީ.ޕީ.އެމް ވެރިކަމުގައި ޝާހިދު ހުންނަވައިގެން، ރަށަށް ގިނަގުނަ ކަންތައްތަކެއް ކުރެވިފައިވާތީއެވެ. ވަކީން ހާއްސަކޮށް ޕީ.ޕީ.އެމް ވެރިކަމުގައި ޝާހިދުގެ މެންބަރުކަމުގައި ވަރަަށް ފާހަނގަ ކޮށްލެވޭ ގިނަ ކަންތައްތަކެއް ކުރެވިފައިވެއެވެ. އަދި މިހަގީގަތް ޖެހިގެން އޮތް މީދޫއިންސްވެސް ވަނީ ތަޖުރިބާ ކުރެވިފައެވެ. މިދިޔަ ސަރުކާރުގައި ރޮޒެއިނާ އާދަމްގެ މެންބަރުކަމުގައި ސަރުކާރުގެ އެއްބާރުލުމާއި އެކު މީދޫ ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެއާއި ހިލާފަތް ހުޅުދޫ ދާއިރާގެ މެންބަރު އެމް.ޑީ.ޕީ ދޫކޮށް ޑިމޮކްރަޓްސްއަށް ބަދަލުވިފަހުން ހުޅުދޫ ދާއިރާ ބާކީވި މަންޒަރު ފެނިގެން ދިޔައެވެ.

މި އަންނަ މަހު 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަ ކުރެއެވެ. އެއީ 7 ސިޔާސީ އަކުން ވާދަކުރާ 238 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނެވެ.