ސަފުހާޚަބަރުރިޕޯޓްކުޅިވަރު
17 ފެބުރުވަރީ 2024
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހުޅުދޫ ދާއިރާއިން ވާދަކުރައްވާ 4 ކެންޑިޑޭޓުންގެ ނަން ތަރުތީބު ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގައި އިއްޔެ ހަވީރު ބޭއްވުނު ގުރުނެގުމުގެ ރަސްމިއްޔާތުގައި ކެންޑިޑޭޓް ނަންބަރ 1 ލިބިލެއްވީ ދި ޑިމޮކްރަޓްސް އިން ކުރިމަތި ލެއްވި މުޙައްމަދު ޔާސީން (ސީނު)އަށް، ކެންޑިޑޭޓް ނަންބަރ 2 ލިބިލެއްވީ ޕީ.އެން.ސީ އިން ކުރިމަތި ލެއްވި މުޙައްމަދު ޝާހިދު (ޝާޑް)އަށް، ކެންޑިޑޭޓް ނަންބަރ 3 ލިބިލެއްވީ އަމިއްލަ ގޮތުން ކުރިމަތި ލެއްވި އަޙްމަދު ޝަރީފްއަށް އަދި ކެންޑިޑޭޓް ނަންބަރ 4 ލިބިލެއްވީ އެމް.ޑީ.ޕީއިން ކުރިމަތި ލެއްވި ސާމިޢު އަންވަރުއަށެވެ.

މި އިންތިހާބުގައި 368 ކެންޑިޑޭޓުން ވާދަ ކުރައްވާއިރު އޭގެ ތެރެއިން 326 ކެންޑިޑޭޓުންނަކީ ފިރިހެނުންނެވެ. އަންހެން ކެންޑިޑޭޓްންގެ އަދަދަކީ އެންމެ 42 އެވެ.

ހުޅުދޫ ދާއިރާގެ މަޖިލިސް ކޭންޕެއިން ފޯރީގައި ކުރިއަށްދާއިރު، މިދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް ބެލެވެނީ ބޮޑު ދެ ޕާޓީކަމަށްވާ ޕީ.ޕީ.އެމް-ޕީ.އެން.ސީ އަދި އެމް.ޑީ.ޕީ އިން ކުރިމަތިލައްވާފައިވާ، މުޙައްމަދު ޝާހިދުއާއި ސާމިޢު އަންވަރު ކަމަށް ބެލެވެއެވެ. ޑިމޮކްރަޓްސްއިން ކުރިމަތި ލެއްވި މުޙައްމަދު ޔާސީން އަދި އަމިއްލަ ގޮތުން ކުރިމަތި ލެއްވި އަޙްމަދު ޝަރީފްގެ އެއްވެސް ކޭމްޕެއިން ހަރަކާތެއް އަދި ނެތެވެ.