ސަފުހާޚަބަރުރިޕޯޓްކުޅިވަރު
01 ފެބުރުވަރީ 2024
މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމް.އެން.ޕީ) އިން، ރައީސް ޑރ. މުހައްމަދު މުއިޒްގެ ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އެ ޕާޓީގެ އެއް ނާއިބު ރައީސް ކަމަށްވާ އަޙްމަދު ޝަރީފް ސަރުކާރާއި ދެކޮޅަށް، ހުޅުދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ކޭންޕެއިން ކުރައްވަމުން އެބަ ގެންދަވައެވެ.

ހުޅުދޫވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަޙްމަދު ޝަރީފް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޕީ.ޕީ.އެމް-ޕީ.އެން.ސީގެ ހުޅުދޫ ދާއިރާގެ މަޖިލިސް ޓިކެޓް ހޯއްދެވުމަށެވެ. އެކަން ކާމިޔާބު ކުރެއްވުމަށް މި ދިޔަ 2 މަސްދުވަސްތެރޭ ޝަރީފްވަނީ، ޕީ.ޕީ.އެމް-ޕީ.އެން.ސީގެ މަޖިލިސް ޓިކެޓް ހޯއްދެވި މުހައްމަދު ޝާހިދުއާއި ދެކޮޅަށް ވަރަށް ވަރުގަދައަށް ދަށުދަރަޖައިގެ އެންޓި ކޭންޕެއިން ކޮށްފައެވެ. އެގޮތުން ކުރެއްވި ކަންތައް ތަކުގެތެރޭ ޕީ.އެން.ސީ ހުޅުދޫގެ ނަމުގައި ފޭސްބުކް ޕޭޖެއް ހައްދަވައި، ޝަރީފްއަކީ ޕީ.އެން.ސީގެ ކެންޑިޑޭޓްކަމަށް ދޭހަވާ ގޮތަކަށް ދައްކުވައި، މުހައްމަދު ޝާހިދުގެ އަގު ވައްޓާލުމަށް ދަށުދަރަޖައިގެ ޕޯސްޓަރ ހައްދަވައި، ރައްޔިތުންނާއި ބައްދަލުކޮށް، ރައީސް ޑރ. މުހައްމަދު މުއިޒް އަދި ޕީ.ޕީ.އެމް-ޕީ.އެން.ސީގެ ލީޑަރޝިޕްއިން މުހައްމަދު ޝާހިދުއަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައްވާފައި ވެއެވެ.

އަޙްމަދު ޝަރީފް ސަރުކާރު ކޯލިޝަންތެރޭ ހުރެ ސަރުކާރާ ދެކޮޅަށް، ހާއްސަކޮށް ޕީ.ޕީ.އެމް-ޕީ.އެން.ސީގެ ހުޅުދޫ ދާއިރާގެ މަޖިލިސް ކެންޑިޑޭޓް މުހައްމަދު ޝާހިދުއާއި ދެކޮޅަށް ކުރައްވާ ކޭމްޕެއިންނާއި ގުޅިގެން ވަރަށް ގިނަ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. އެ ގޮތުން ހުޅުދޫގެ ކުރީގެ ކައުސިލަރ އިބްރާހީމް ޝުކުރީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ އިސް މަގާމެއްގައި ހުރެ، އެއްބަސް ވުމާއި ހިލާފަށް ސަރުކާރާއި ދެކޮޅަށް، އަމިއްލަ ގޮތުން މަޖިލިސް ގޮނޑިއަށް ވާދަކުރެއްވުމަކީ ޒިންމާދާރުކަންކުޑަ ދަށު ދަރަޖައިގެ އަމަލެއްކަމަށެވެ.

އަޙްމަދު ޝަރީފް ސިޔާސީގޮތުން މަސައްކަތް ކުރައްވާ އެމް.އެން.ޕީ 2021 ވަނަ އަހަރު އުފެދުނުއިރު، އެ ޕާޓީއިން 2023 ގެ އިންތިހާބުގައި ރަނގަޅު ނަތީޖާއެއް ހޯދާނެކަމަށް ބެލުވުނެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން އެ ޕާޓީގެ ކެންޑިޑޭޓަށް ލިބިލެއްވީ 1896 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 0.86% އެވެ. އަދި އަޙްމަދު ޝަރީފް ނިސްބަތްވާ ހުޅުދޫ ދާއިރާއިން އެ ޕާޓީއަށް ލިބުނީ އެންމެ 7 ވޯޓެވެ.