ސަފުހާޚަބަރުރިޕޯޓްކުޅިވަރު
01 އޯގަސްޓް 2023
މީހެ 45 އަހަރު ކުރިން ހުޅުވުނު ސ. އަތޮޅު މަސަދަރުސާއަކީ ހުޅުމީދޫގެެ ދަރިންވަރުންގެ ތައުލީމަށް ހާއްސަކޮށްގެން ރައީސް މައުމޫނުގެ ވެރިކަމުގައި ބިނާ ކުރެއްވި ވަރަށް މުހިންމު ބިނާއެކެވެ. އެދުވަހުން ފެށިގެން ސ. އަތޮޅު މަދަރުސާ ވެފައިވަނީ ހުޅުމީދޫ ދަރިވަރުންގެ ކުރިމަގު ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ތަނެއްގެގޮތުގައެވެ. ވޭތުވެދިޔަ ދިގު މާޒީގައި، ސްކޫލްގެ ކުރިއެރުވުމަށްޓަކައި އެކި ސަރުކާރުތަކުން ވަނީ ގިނަގުނަ މަސައްކަތްތަކެއްކޮށް އެކިއެކި ސިޔާސަތު ތަންފީޒުކޮށްފައެވެ. އެ ގޮތުން މި ސަރުކާރުންވެސްވަނީ ސ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ މަންފާއާއި ލާބަޔަށް ގިނަގުނަ މަސައްކަތްތަކެއްކޮށް ދަރިވަރުންނަށް ދެވޭ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ސިޔާސަތުތަކެއް ތަންފީޒުކޮށްއެވެ. އެގޮތުން މި ދައުރުގައި ސ. އަތޮޅު މަދަރުސާއަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ، ދެ އަވަށުގެ ދެ ސްކޫލް ބަންދުކޮށް އެ ސްކޫލް ތަކުގެ ދަރިވަރުންނާއި ވަސީލަތްތައް ސ. އަތޮޅު މަދަރުސާއަށް ބަދަލު ކުރުމެވެ.

މި ސަރުކާރުގެ ކުރީކޮޅޮ 2019 ގައި، ހުޅުދޫ ސްކޫލް އަދި މީދޫ ސްކޫލް ބަންދުކޮށް، ދެ ސްކޫލްގައި ކިޔަވަމުން ގެންދެވި ދަރިވަރުންނާއި ދެ ސްކޫލްގެ ހުރިހާ ވަސީލަތްތައް ސ. އަތޮޅު މަދަރުސާއަށް ބަދަލު ކުރީ، ހުޅުމީދޫގައި ކިޔަވާ ހުރިހާ ދަރިވަރުން އެއް ފުރާޅެއްގެ ދަށަށް ގެނެސް ތައުލީމު ދިނުމުން، ދަރިވަރުންގެ ފެންވަރު މަތިވެ، ސ. އަތޮޅުު މަދަރުސާގައި 11 އަދި 12 އުފައްދަން ފަސޭހަވާނެ ކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމަށް ފަހުގައެވެ. ދެ ސްކޫލް ބަންދު ކުރަން، ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލު ހޯދުމަށް ބޭއްވެވި ބައްދަލުވުމުގައި އެޑްޔުކޭޝަންގެ ބޭފުޅުންނާއި ސ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ކިޔާދެއްވީ، ގިނަ ދަރިވަރުން އެއް ތަނެއްގައި ކިޔެވުމުން، ދަރިވަރުންގެ ކިޔެވުމަށް އަންނާނެ ކުރިއެރުމާއި، ވަސީލަތްތަށް އިތުރުވާނެ ކަމަށާއި، ދަރިވަރުންނަށް ކިޔަވައިދޭނެ، ފެންވަރު ރަނގަޅު ޓީޗަރުން ފަސެހައިން ލިބޭނެ ކަމަށެވެ. އަދި އެންމެ މުހިންމު ކަމަކަށް ރައްޔިތުންނަށް ޔަގީންކަން ދެއްވީ ގްރޭޑް 10 ނިންމާ ދަރިވަރުން ރަށުގައި ތިބެގެން 11 އަދި 12 ގައި ކިޔަވައި އޭލެވެލް ހެދުމުގެ ފުރުސަތު ހޯއްދަވާ ދެއްވާނެކަމުގެ ޔަގީން ކަމެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ރައްޔިތުން އުންމީދު ކުރިގޮތާއި ހިލާފަށް، ދިމާ އިދިކޮޅަށެވެ.

500 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުންގެންދާ ސްކޫލްގެ ހާލަތު ދުވަހުން ދުވަހަށް ދަށްވެ، ދަރިވަރުންގެ ތައުލީމަށާއި އަހުލާގަށް ހީވެސް ނުކުރާހާ ނުރަނގަޅު އަސަރު ދިޔައީ ކުރަމުންނެވެ. ތިރީގައި މިވަނީ ހުޅުދޫ ވޮއިސްގެ ޓީމުން މިދިޔަ 8 މަސް ދުވަހު އެއްކުރި މައުލޫމާތުތަކުން އެނގުނު މައްސަލަތަކާއި ގުޅޭގޮތުން ފާހަނގަ ކޮށްފައިވާ ނުކުތާތަކެވެ.

•މެނޭޖްމަންޓް ދޯދިޔާ ވުމުގެ ސަބަބުން ޓީޗަރުން ސްކޫލް ދޫ ކުރުން:

ސްކޫލަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މެނޭޖްމަންޓްއާއި ޓީޗަރުން މައްސަލަޖެހި، ރަނގަޅު ޓީޗަރުން ސްކޫލް ދޫކުރާ މައްސަލައެވެ. ހުޅުދޫ ވޮއިސް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ދިޔަ އަހަރު ތަކުގައި ސ. އަތޮޅު މަދަރުސާ ދޫކޮށް އެހެން ސްކޫލް ތަކަށް ވަރަށް ގިނަ ޓީޗަރުން ބަދަލުވެފައިވާކަން ފާހަނގަ ކުރެވެއެވެ. މީގެ ތެރޭ މާލޭގެ ސްކޫލް ތަކުގައި ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ، ކިޔަވައި ދިނުމަށް މޮޅު، ބެލެނިވެރިންގެ މެދުގައި މަގުބޫލު ޓީޗަރުންވެސް ހިމެނެއެވެ. މީގެ ތެރެއިން ގިނަ ޓީޗަރުންގެ ފަރާތުން ލިބުނު މައުލޫމާތަކަށް ބަލާއިރު، ގިނަ ޓީޗަރުން ސްކޫލް ދޫކޮށްލީ މެނޭޖްމެންޓާއި މައްސަލަޖެހި، ސްކޫލްގަައި މަޑުކުރެވޭނެ އިތުރު މަގެއް ނުފެނިގެންނެވެ.

•ތަަފާތު ކުރުން އިންތިހާއަށް ބޮޑު

ސ. އަތޮޅު މަދަރުސާގެ މުވައްޒަފުންނާއި ޓީޗަރުންގެ މެދުގައި ތަފާތު ކުރުން އޮންނަކަން ފާހަނގަކުރެވިފައިވެއެވެ. ސްކޫލްގެ މެނޭޖްމަންޓް ދެ ފެކްޝަނަކަށް ބެހި، އެއް ފެކްޝަން ޕްރިންސިޕަލް ލީޑް ކުރާއިރު، އެ ފެކްޝަންގައި ތިއްބަވަނީ ޕްރިންސިޕަލް ރުހޭ މުވައްޒަފުން ކޮޅަކާއި ޓީޗަރުން ކޮޅެކެވެ. ދެން ތިއްބަވާ މުވައްޒަފުންނާއި ޓީޗަރުން ތިއްބަވަނީ ބާކީ ވެފައެވެ. މިކަމުގެ ސަބަބުން މުވައްޒަފުންނާއި ޓީޗަރުންގެ މޮރާލް ދަށްވެ، އޭގެ ނޭދެވޭ އަސަރު ކިޔަވާ ދަރިވަރުންނަށް ކުރެއެވެ. މީގެ އިތުރުން ދަރިވަރުންނާއި މެދުވެސް ތަފާތު ކުރުން އޮވެއެވެ. ހާއްސަކޮށް ސްކޫލް ކަމަކާއި ގުޅޭ ގޮތުން ބެލެނިވެރިއަކު ޝަކުވާއެއް ކޮށްފިނަމަ އެ ބެލެނިވެރިއާއި ބެލެނިވެރިޔާގެ ދަރިވަރާއިމެދު ތަފާތު ކުރުން ގެންގުޅެއެވެ. މިހެންވެ ގިނަ ބެލެނިވެރިން އެއްވެސް ކަމަކާއި ގުޅޭ އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ގަންނަ ބިރެއްގެ ސަބަބުންނެވެ.

•މެނޭޖްމަންޓްގައި ކޮރަޕްޝަން ބޮޑު.

ސްކޫލްއަށް ބޭނުންވާ ހިދުމަތް ހޯދުމުގައި ދެފުށް ފެންނަށް ނިޒާމެއްގެ ތެރެއިން ނުކުރެވޭކަން ފާހަނގަކުރެވެއެވެ. ހިދުމަތް ހޯއްދަވާއިރު ސިވިލް ސާވިސްގައި ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތައް އަމަލު ނުކުރާކަން ފާހަނގަ ކުރެވެއެވެ.

•ދަރިވަރުންގެ ކިޔެވުމާއި އަހުލާގު ދަށްވުމާއި މާރާމާރީ ހިންގުން.

ބޭނުންވާ ވަރަށް ގާބިލު ޓީޗަރުން ނެތުމުގެ ސަބަބުންނާއި، ދަރިވަރުން ގިނަ ވުމުގެ ސަބަބުން، ދަރިވަރުންނާއި އަޅާނުލެވުމުގެ ސަބަބުން ދަރިވަރުންގެ އަހުލާގު ދަށްވެ ދަރިވަރުންގެ މެދުގައި ބުލީ ކުރުމާއި ތަޅާފޮޅުންވަނީ އާންމުވެފައެވެ. އަދި ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިންތިހާއަށް ވަނީ ދަށްވެފައި. މި ދިޔަ އަހަރު ގައުމީ ގަދަ 10ގައި ހިމެނުނީ އަތޮޅު މަދަރުސާގެ އެންމެ ދެ ވަރުންކަންވެސް ފާހަނގަ ކޮއްލަމެވެ.

•ޑެޕިއުޓީ ޕްރިންސިޕަލްއެއް ނެތުން.

އެޑުއިކޭޝަންސް މިނިސްޓްރީ ގަވައިދުގައި ތެރެއިން، ސްކޫލްގެ މިންގަނޑަށްބަލައި ޑެޕިއުޓީ ޕްރިންސިޕަލްއެއް ނެގެން އޮތްއިރުވެސް ޑެޕިއުޓީ ޕްރިންސިޕަލްގެ މާގާމަށް މީހަކު ހަމަޖައްސާފައި ނުވެއެވެ. މި ދިޔަ ހަތަރު އަހަރު ނިންމާލީ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް މީހަކު ނުނަގައެވެ. އެ މަގާމަށް މީހަކު ނެގުމަށް މިދިޔަ އަހަރު އެއްފަހަހަރު އިއުލާންކޮށް، ކެންސަލްކޮށްފައިވެއެވެ. ނަމަވެސް މިވަގުތު ގެޒެޓްގައި ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމަށް މީހަކު ހޯދުމަށް އިއުލާން ކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ. އެ އިއުލާނުގެ ސުންގަޑިއަކީ 8 އޯގަސްޓް 2023 ގެ 14:00 އެވެ.

ކަން މިހެން ހުރުމުން، ކިޔެވުމުގެ އާ އަހަރު ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާތަކުން މި މައްސަލަތަ ބަލައި ހައްލެއް ހޯދުން މުހިއްމުކަމަށް ދެކެމެވެ. ނޫންނަމަ ސްކޫލްގެ ހާލަތު ދުވަހުން ދުވަހަށް ދާނީ ދަށަށެވެ. ދަރިވަރުންގެ ކިޔެވުމުގެ ފެންވަރުވެސް ދާނީި ދަށަށެވެ.

ނޯޓް: މި އާޓިކަލައަށް މައުލޫމާތު ދެއްވި ހުރިހާ ޓީޗަރުންނަށާއި ބެލެނިވެރިންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ.