ސަފުހާޚަބަރުރިޕޯޓްކުޅިވަރު
27 މެއި 2023
ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބް، އަލަށް އުފައްދާ 'ދަ ޑިމޮކްރެޓްސް' ޕާޓީއާއި ގުޅިވަޑައިގެންފިއެވެ.

ރައްޔިތުން މަޖިލިސްގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދާ 'ދަ ޑިމޮކްރެޓްސް' އަށް އިލްޔާސް ލަބީބު ސޮއި ކުރެއްވީ ބޮޑުފެންވަޅުގޭަގައި މިހާރު ކުރިއަށް ގެންދާ އެ ޕާޓީގެ ހަރަކާތުގައެވެ. އެމް.ޑީ.ޕީގެ ތެރެއިން 'ފިކުރެއްގެ ދިރުން' ހަރަކާތް ހިންގުމަށްފަހު އެޕާޓީއިން ވަކިވެ ވަޑައިގެންނެވި ރައްޔިތުން މަޖިލިސްގެ 12 މެންބަރުންގެ ތެރޭގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހިމެނިވަޑައިގަންނަވައެވެ. އަދި އަލަށް އުފައްދާ 'ދަ ޑިމޮކްރެޓްސް' ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ތެރޭވެސް އިލްޔާސް ލަބީބް ހިމެނިވަޑައިގަންނަވައެވެ.

'ދަ ޑިމޮކްރެޓްސް' އުފެއްދުމައްޓަކައި ބޭއްވުނު ފުރަތަމަ ޕްރެސް ކޮންފެރެންސްގައި އިލްޔާސް ލަބީބް ވިދާޅުދީ، އެމް.ޑީ.ޕީ މިހާރުވަނީ ވަކިބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި، އެމް.ޑީ.ޕީ އުފެއްދި މަގުސަދާއި ވަކާލާތުުރާ ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތައް އެ ޕާޓީން ގެއްލިފައިވާ ކަމަށެވެ.

ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުދޫގައިވެސް މިހާރު 'ދަ ޑިމޮކްރެޓްސް' ޕާޓީއަށް މީހުން ވެއްދުމައްޓަކައި ފޯމް ފުރަމުން އެބަ ގެންދަވައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެއާއި ހަމަޔަށް ފަންސާހަށްވުރެ ގިނަ އެމް.ޑީ.ޕީ މެންބަރުންވަނީ 'ދަ ޑިމޮކްރެޓްސް' ޕާޓީއާއި ގުޅިވަޑައިގެންފައެވެ. ހުޅުދޫ ދާއިރާއަކީ އެމް.ޑީ.ޕީ އަދި ހާއްސަކޮށް ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ގިނަ ސަޕޯޓަރުންތަކެއް ތިއްބަވާ ދާއިރާއެކެވެ.