ސަފުހާޚަބަރުރިޕޯޓްކުޅިވަރު
27 މެއި 2023
ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީގެ މައްސަލާގައި ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމަށް މަސައްކަތް ކުރުމަށާއި، މި މައްސަލަ ކޯޓްގައި ހިނގަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ގޮވާލައި 'ދިވެހި ރައްޔިތުންގެ ގޮވާލުން' ގެ ނަމުގައި ޕެޓިޝަނެއް ހަދައި ސޮއި ކުރަމުން އެބަ ގެންދެއެވެ.

މި ޕެޓިޝަންގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ހުޅުދޫ ޕީޕީއެމް މެންބަރުން ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ ހަވީރު އެ ޕާޓީގެ ހަރުގޭގައި ހިންގުނު ސޮއި ކުރުމުގެ ހަރަކާތުގައިި ހުޅުދޫގެ ވަރަށް ގިނަ ރައްޔިތުން އިއްޔެ ސޮއި ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހުރިހާ ޕާޓީއެއްގެ މެންބަރުންވެސް ހިމެނެއެވެ. އަދި މި ޕެޓިޝަންގައި ސޮއި ކުރަން ބޭނުންވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް ނުކުރެވި ތިއްބެވި ބޭފުޅުން، މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ 'ޝަފީ' އާއި ގުޅުއްވައިގެން ސޮއި ކުރުމަށް އެދި ލައްވައެވެ.

'ދިވެހި ރައްޔިތުންގެ ގޮވާލުން' ގެ ނަމުގައި ސޮއި ކުރަމުން އަންނަށް ޕެޓިޝަންގައި ގޮވާލާފައިވަނީ ޗާގޯސް މައްސާލާގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ އިން ނިންމާފައިވާ ނިންމުން ދިވެހި ރާއްޖެއިން ބަލައި ނުގަތުމަށާއި، މި މައްސަލަ އަލުން ބަލައި ދިނުމަށް އެދި އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީ އަށް ދިވެހި ދައުލަތުގެ ފަރާރުން ހުށައެޅުމަށާއި، ދިވެހި ރާއްޖޭގެ ގާނޫނުން ކަނޑަ އަޅާފައިވާ ފުރިހަމަ 200 ނޯޓިކަލް މޭލު ހޯދުމަށް މަސައްކަތް ކުރުމަށާއި، އަދި 2010 ގައި ރާއްޖެއިން ކްލެއިމް ކޮށްފައިވާ ސަރަހައްދު އެކުގައި ލިބިގަތުމަށް މަސައްކަތް ކުރުމަށާއި އަދި މި މައްސަލަ ޓްރައިބިއުނަލްގައި ހިނގަމުން ދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މޮރިޝަޝްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށެވެ.