ސަފުހާޚަބަރުރިޕޯޓްކުޅިވަރު
06 އޭޕްރީލް 2023
އަޅާލާނެ މީހަކުނެތް، ބަލާލާނެ މީހަކުނެެތް، ކަންބޮޑުވާ މީހަކުނެތް، އެތަކެއް ހާސް ރުފީހާ ހަރަދު ކޮށްގެން ހަދާފައިހުރި ރައްޔިތުންގެ ތަންތަނާއި ރަށުގެ ތާރީހީ ތަންތަން ހަމަ ވީރާނާ ވާން ދޫއްކޮއްލަން ވީ ތޯ؟ ހުޅުދޫގައި ހުރި މިފަދަ ތަންތަން ހަލާކުވެ ނެތިގެންދާއިރު މިކަމަށް ހައްލެއް ހޯދުމައްޓަކައި އެއްވެސް މީހަކު މަސައްކަތެއް ކުރާތަނެ ނުފެނެއެވެ. މި ރިޕޯޓްގައި އަޅުގަނޑު މިބަލާލަނީ ހުޅުދޫގައި މިވަގުތު ހުރި މިފަދަ އިމާރާތް ތަކުގެ މައްޗަށަވެ.

ހުޅުދޫ ސްކުޅް.

ހަރަދު ކުޑަކުރަން ކަމަށް ބުނެ މި ސަރުކާރުގެ ސިޔާސަތަކުގެ ތެރެއިން ހުޅުދޫ ސްކޫލް އާއި މީދޫ ސްކޫލް ބަންދުކޮށް ދެ ސްކޫލްގެ ދަރިވަރުން ސ. އަތޮޅު މަދަރުސާއަށް ބަދަލުކުރީ މި ސަރުކާރުގެ ކުރީކޮޅުއެވެ. އޭރު ރައްޔިތުންގާތު ޔަގީންކަން ދެއްވީ ހުޅުދޫ ސްކޫލް ވީރާނާވާން ދޫނުކޮއްލާނެ ކަމަށާއި އެތަނުގައި ވޮކޭޝަނަލް ސެންޓަރއެއް ހިންގާނެކަމުގެ ޔަގީންކަމެވެ. އެކަމަކު ދަރިވަރުން ބަދަލުކުރިއިރު ދަރިވަރުންނާއިއެކު ސްކޫލް ހުރި ހުރިހާ ވަސީލަތްތައްވެސް ސ. އަތޮޅު މަދަރުސާއަށް ގެންދިޔައެވެ. ދޫކޮށްފަ ދިޔައީ ހަމަ އެކަނި 4 ފާރެވެ. އެތަނުގައި ހަދަން ވައުދުވި ވޮކޭޝަނަލް ސެންޓަރއެއްެގެ މަސައްކަތެއްވެސް ކުރިއަކަށް ނުދެއެވެ. އިމާރާތް އަދިވެސް ހުންނަނީ އެޑްޔުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ. ދޭތެރެއަކުން އިންތިހާބުތަކުގެ ވޯޓްލުމާއި ޕާޓީތައް ސްކޫލް ހޯލްގައި ބާއްވައެވެ. އިމާރާތް އެއްދުވަހުން އަނެތް ދުވަހަށް ދަނީ ވީރާނާ ވަމުންނެވެ. މި އިމާރާތް ވީރާނާވާން ދޫކޮށްލުމުގެ ބަދަލުގައި ރަށަށް ފައިދާހުރި ކޮންމެވެސް ކަމެއް ކުރެވޭތޯ ބެލުމަކީ މި ވަގުތައް ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ.

ކޯނާ ޕާކް ރެސްޓޯރަންޓް

ކޯނާ ޕާކް ރެސްޓޯރެންޓްއަކީ ކުރީގެ އަންހެނުން ކުރިއަރުވާ ކޮމެޓީގެ މަސައްކަތުން ހެދި ތަނެކެވެ. އެތަން ވިޔަފާރި އުސޫލުން ހިންގަ ހިންގާ ތިއްބާ، މައުމޫނު ވެރިކަންނިމި، ރައީސް މުަހައްމަދު ނަޝީދުގެ ވެރިކަމުގައި ގާނޫނީ ނިޒާމަށް އައި ބަދަދުތަކާއެކު އަންހެނުން ކުރިއަރުވާ ކޮމެޓީތައް އުވި، ހުރިހާ މުދަލަކާއި ފައިސާއެއް ދައުލަތަ ނެގިއެވެ. އޭެގެ ފަހުން އެތަނުގެ ބެެލެނިވެރި ފާރަތަކީ ރަށު އޮފީހެވެ. އެތަން ހިންގުމައްޓަކައި ރަށުއޮފީހުން ކުއްޔަ ދޫކުރިއެވެ. ނަމަވެސް ހަވާލުވި ފަރާތާއި އޮފީހާއީ ޖެހުނު މައްސަލައެއްގައި އަނެއްކާވެސް ވިޔަފާރި ހުއްޓާލެވުނެވެ. އޭގެ ފަހުން އެތަނުގައި އެއްވެސް ކަމެއް ނުކުރެވި ތަން ނުބެލެހެއްޓި ވީރާނާވާން ފެށީއެވެ. މިހާރު އެތަނުން ފެންނަނީ އެއްކޮށް ވީރާނާވެފައިވާ މަންޒަރެވެ.

ނަސްރިއްޔާ ޕްރީ ސްކޫލް.

އިހުގެ ހުޅުދޫ ސްކޫލް ނުވަތަ މިހާރުގެ ނަސްރިއްޔާ ޕްރީ ސްކޫލް އިމާރާތަކީ ހުޅުދޫ ގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ އިމާރާތެކެވެ. ކުރީގެ ހުޅުދޫ އޮފީހާއި ހުޅުދޫ ކޯޓް ހުރީ މި އިމާރާތުގައެވެ. ޙުޅުދޫގެ ރަން ދުވަސްވަރު އަލް މަރުޙޫމް އަބުދުލް ހާދީ ގެ ބެލުމުގެ ދަށުން މިއިމާރާތުގައި ހިންގުނު ހުޅުދޫ ސްކޫލްއަކީ އެދުވަސްވަރަށް ބަލައި މުޅިރާއްޖޭގައިވެސް ފާހަނގަ ކޮއްލެވޭހާ މޮޅަށް ހިންގުނު ސްކޫލްއެކެވެ. އޭރު އެ ސްކޫލްއިން ކިޔަވައިގެން މުޖުތަމައުއަށް ނެރުނު ދަރިވަރުންވަނީ އެކި ދާއިރާތަކުގައި މަތީ ފަންތީގައި ފައިތިލަ ސާބިތުކޮށްފައެވެ. 1989 ގައި އަލް މަރުޙޫމް އަބުދުލް ހާދީ ހުޅުދޫއިން ހިޖުރަކުރި ހިސާބުން ސްކޫލް ހުއްޓުމަކަށް އައި ފަހުން މި އިމާރާތް އެކި ދުވަސްވަރު އެކި ފަރާތްތަކުގެ ބެލުމުގެ ދަށުން ޕްރީ ސްކޫލް ހިންގާފައިވެއެވެ. ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި އެއްވެސް ބަޔަކަށް އެކަން ނުކުރެވި ތަން ނުބެލެއްޓި ވިރާނާވާން ފެށީއެވެ. މިހާރުވެސް މި އިމާރާތުގައި ޕްރީ ސޮކޫލްއެއް ހިންގަން، އައްޑޫ ސިޓީ ކައުސިލުންވަނީ އަމިއްލަ ފަރާތަކާއި އިމާރާތް ހަވާލު ކޮށްފައެވެ. ނަމަވެސް ޕްރީ ސްކޫލްއެއްގެ ހިދުމަތެއް ރައްޔިތުންނަކަށް ނުލިބެއެވެ. ތަން ދަނީ ވީރާނާ ވަމުންނެވެ.

އަބުދުﷲ ދީދީ މިސްކިތް (އާންމުކޮށް ކިޔާ ނަން)

އަބުދުﷲ ދީދީ މިސްކިތަކީ ހުޅުދޫގައި ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އެއް މިސްކިތެވެ. ހިރިގަލުންނާއި އުވަގަލުން ހަދާފައިވާ ވަރަށް ކުޑަ މި މިސްކިތް، ސަރުކާރުން ކަނޑައަޅާފައިވާ އާސާރީ ތަންތަން ތެރޭ ނުހިމެނެއެވެ. މިހެންވެ ސަރުކާރުން މިތަން ބެލެހެއްޓުމަށް އެއްވެސް ފައިސާއެއް ނުލިބޭތީ މިތަން ވަނީ ދޫކޮއްލެވިފައެވެ. ނަމަވެސް މީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ރަށުގައި ހުންނަށް މިކަހަލަ އާސާރީ ތަންތަން ބަލަހައްޓާ ދެން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ބޭނުންތެރިކަމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި މިސްކިތް ހުރި ބިމާއި ހަވާލުވެ މިސްކިތް ބަލަހައްޓާ ވިޔަފާރި އުސޫލުން އެތަނުގައި ކަމެއް ކުރަން ހުޅުދޫ އަމިއްލަ ފަރާތަކުން އައްޑޫ ސިޓީ ކައުސިލަށް ހުށައެޅިއެވެ. ނަމަވެސް އައްޑޫ ސިޓީ ކައުސިލުން އެތަން ދުލެއް ނުކުރިއެވެ. މިސްކިތް ހުރި ސަރަހައްދު މިހާރު ފެންނަނީ ބޯ ޖަންގަލިއެއް ހެންނެވެ. ތަން ދަނީ ވީރާނާ ވަމުންނެވެ.

ރަށުގައި ހުރި މި ފަދަ ތަންތަނާއި މެދު ސަރުކާރުން އިހުމާލު ވާނަ އެކަމާއި މެދު ފިޔަވަޅުއަޅާ ރަނގަޅު ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރުމަކީ ރަށު އޮފީހުގެ ވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ ޒިންމާއެކެވެ. ސަރުކާރު ތެރެއިން ކަމެއް ކުރެވެން ނެތްނަމަ، ތަންތަން ވީރާނާވާން ދޫކޮށްލުމަށްވުރެ، ވިޔަފާއި އުސޫލުން އަމިއްލަ ފަރާތްތަކާއި ނުވަތަ ކުލަބު ޖަމްއިއްޔާއަކާއި ހަވާލު ކުރުންވެސް މާ ރަނގަޅުވާނެއެވެ. އެއްވެސް ކަމެއް ނުކުރެވޭ ހާލު އިމާރާތުގައި ބަގުޑި ބައްދާގެން ތިބުމުގެ ބޭނުމެއް ނެތެވެ.

ފޮޓޯ ގެލަރީ އަޅުގަނޑުމެންގެ ފޭސްބުކް އެކައުޓްގައި.