ސަފުހާޚަބަރުރިޕޯޓްކުޅިވަރު
06 އޭޕްރީލް 2023
މަގު ހެދުމަށް މި ވަގުތު ހުޅުދޫގައި ތިބި އިންޑިޔާ އެފްކޮން ކޮންޕެނީގެ މުއައްޒަފުންގެ ތެރޭގައި ހިމެނޭ މުސްލިމް އަޙުންނަށް ރޯދަ ވީއްލުން ތައްޔާރު ކޮއްދިނުމުގައި ހުޅުދޫގެ ކަނބަލުން ނަމޫނާ ދައްކަމުން އެބަ ގެންދަވައެވެ.

ކޮންމެ ދުވަހަކު މަސްޖިދު އަބުދުއްﷲ ބިން އިބްރާހީމްގައި ރޯދަ ވީއްލަން އެމީހުން އަންނަ ވަގުުތު، ހުޅުދޫގެ ކަނބަލުންގެ ޓީމަކާއި މިސްކިތުގެ މުވައްޒަފުން ދަނީ އެމީހުން އަމިއްލައަށް ތައްޔާރު ކުރާ ޖޫހާއި ތަފާތު ވައްތަރުގެ ހެދިކާ ހަދިޔާކޮށް، އެ މަސައްކަތް ތެރިންގެ ރޯދަ ވީއްލުމަށް ތަނަވަސް މާހައުލެއް ގާއިމު ކޮއްދެމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ދުވަހަކުވެސް މަސައްކަތް ތެރިންގެ ތެރޭ ހިމެނޭ 30 އަށް ވުރެ ގިނަ މުސްލިމް އަޙުން މިސްކިތުން ރޯދަ ވީއްލައެވެ.

މި ކަމަކީ މި ރޯދަމަސް ފެށުނީއްސުރެ ކޮންމެ ދުވަހަކު ވެސް މަސްޖިދު އަބުދުއްﷲ ބިން އިބްރާހީމްގައި ހިނގަމުން އައި ކަމެކެވެ. މި ކަމާއި ގުޅޭ ސައްހަ މައުލޫމާތު ނޭނގި، ސޯޝަލް މީޑީޔާގައި ބައެއް ފަރާތް ތަކުން ދޮގު ވާހަކަ ފަތުރަމުން ދާ ކަމަށާއި އެފަދަ ނޭދެވޭ ކަންކަމުން ދުރުހެލި ވުމަށް، މިކަން ކުރައްވާ ކަނބަލުންގެ ފަރާތުން އެދިލައްވައެވެ.

ހުޅުދޫ ވޮއިސް އެދެނީ ވީހާވެސް ގިނަ ބަޔަކު މި ކަމުގައި ބައިވެރިވެ ދެއްވައި ރޯދަ ވީއްލާ ވަގުތައް ފެނާއި ޖޫހާއި ކާބޯތެތި މަސްޖިދު އަބުދުއްﷲ ބިން އިބްރާހީމްއަށް ހަދިޔާކޮށްދީ ކަނބަލުން ކުރައްވާ މަސައްކަތުގައި އެހީތެރިވެ ދެއްވުމެވެ.