ސަފުހާޚަބަރުރިޕޯޓްކުޅިވަރު
24 މާރިޗް 2023
އައްޑޫ ސިޓީ އަންހެނުންގެ ތައައްގީއަށް މަސައްކަޔްކުރާ ކޮމިޓިއިން އިސްނަންގަވައިގެން މި ރޯދަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ސިލްސިލާގެ ދަރުސްތަކުގެ ތެރެއިން ފުރަތަމަ ދަރުސް ހުޅުމީދޫގައި ބާއްވައިފިއެވެ.

ސ. އަތޮޅު މަދަރުސާ ހޯލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު މި ދަރުސްގައި، ދަރުސް ދެއްވާފައިވަނީ އައްޝައިޙް ހުސެއިން ފަޙުމީއާއި އައްޝައިޙް އަޙުމަދު ނާޒިޙުއެވެ. އެބޭފުޅުންގެ ވާހަކަފުޅު ބިނާކޮށްފައިވަނީ ނަމޫނާ މުޖުތަމައު އެއް ބިނާކުރުމައްޓަކައި އިޖުތިމާއީ ގުޅުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

މި ސިލްސިލާ ދަރުސްތަކުގެ ދެވަނަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައެވެ. އަދި ތިންވަނަ ދަރުސް މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ބޭއްމުމަށް ހަމަޖެހިފައިވާއިރު، ހަތަރުވަނަ ދަރުސް ފޭދޫ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެންމެ ފަހު އޮންނާނީ މި މަހު 27 ވާ ހޯމަދުވަހުގެ ރޭ އައްޑޫ ހައި ސްކޫލްގައެވެ.

މި ދަރުސްތަކަށް ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ހޮވާލެވޭ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކެއް ކަނޑައެޅިފައިވެއެވެ. އެންމެ ހާއްސަ އިނާމެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އުމްރާ ދަތުރެކެވެ.