ސަފުހާޚަބަރުރިޕޯޓްކުޅިވަރު
18 މާރިޗް 2023
ހުޅުދޫގައި ކުރިން ބޭނުން ކުރަމުންއައި ފަތާ ޓްރެކް، ހުޅުދޫގެ އާ ބަނދަރު ހެދުމުގެ މަސައްކަތައް ނެގުމަށް ފަހު އަލުން ރާވަން ބެލިއިރު އޭގެ ބައިތައް ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ހުޅުދޫގެ ފަތާ ޓްރެކް ކުރިން އަޅާފައިއޮތީ ހުޅުދޫ ކުރީގެ ބަނދަރުން ހުޅަނގު ފަރާތުގައެވެ. އެހެން އޮއްވައި މި ސަރުކާރުން ހިންގި އާ ބަނދަރު ހެދުމުގެ މަސައްކަތައް އެ ސަރަހައްދު އެމް.ޓީ.ސީ.ސީއާއި ހަވާލު ކުރަން ޖެހިގެން، ފަތާ ޓްރެކް ކޮންޓްރެކް އުސޫލުން ބަޔަކާއި ހަވާލު ކޮށްގެން ނެގުމަށްފަހު ރައްކާ ކުރެވުނީ ރަށު އޮފީހުގެ ބެލުމުގެ ދަށުން ރަށު އޮފީސް ގުދަންތަކުގައެވެ. މިހާރު އާ ބަނދަރު ހަދާ ނިމިގެން އަލުން އެ ފަތާ ޓްރެކްގެ ބަައިތައް ނެތްކަން އެނގުނީ އޭގެ ބައިތަ ނެރެ ރާވާން ބެލިއިރެވެ. މި ފަހަރުވެސް ފަތާ ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ އަލަށް ހެދި ބަނދަރުގެ ބޭރުފަރާތުން ގޮނޑުދޮށުގައެވެ. ހުޅުދޫ ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޮފީހުން މިހާރު ނިންމާފައިވަނީ ގެއްލުނުބައިތައް ނުލައި ލިބެން ހުރި އެއްޗެއް ބޭނުން ކޮށްގެން އަސްލު ސައިޒަށްވުރެ ކުޑަކޮށް ފަތާ ޓްރެކް ރާވާ ނިންމާލާށެވެ.

ހުޅުދޫ އޮފީހުގެ ގުދަން ތަކަކީ ބެލެހެއްޓުމުގެ އިންތިޒާމު ދަށްކަމުން އާންމުކޮށް އަގުބޮޑެތި މުދާ ގެއްލޭގުދަން ތަކެކެވެ. މީގެ ކުރިން ގެއްލިފައިވާ ތަކެތީގެ ތެރޭގައި ބޮޑެތި ފެން ޕަންޕްތަކާއި ޓޫލްސްތައް ހިމެނެއެވެ. އެންމެ ގިނައިން ގެއްލެނީ ޕެޓްރޯލްއެވެ.