ސަފުހާޚަބަރުރިޕޯޓްކުޅިވަރު
15 މާރިޗް 2023
ހުޅުދޫއަކީ ޒަމާނުއްސުރެ ތަރައްގީއަށް ލޯބި ކުރާ އަދި ތަރައްގީއަށް އަބަދުވެސް މަސައްކަތް ކުރާ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. އެ ގޮތުން ހުޅުދޫ ރައްޔިތުންވަނީ ޒަމާނީ ތައުލީމާއި ވަޒީފާއާއި ފައިސާ ހޯދުމަށް ކާރޫބާރު ބޮޑު މާލެއަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. މާލެއިން ނުލިބޭ ހިދުމަތްތަކާއި ފައިސާ ހޯދުމަށް، ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. ދަރިން ގޮވައިގެން މައިންބަފައިން ފުރަފުރައިގެން ދިޔައީ ދަރިންނަށް ރަނގަޅު ތައުލީމެއް ދީ ތަނަވަސް ދިރިއުޅުމެއްގެ ފޮނި އުންމީދުގައެވެ. ނަމަވެސް މިކަން ކުރަން ޖެހުނީ ބޮޑުއަގެއް ދައްކާފައެވެ. ބޮޑެތި އާއިލާތައް މާލެ ހިޖުރަކުރީ ހަޔާތުގައި އެއްކުރި ފައިސާއިން ބިނާކުރި ރީތި ގެދޮރު ދޫކޮށް ގޭގައި ހުރި އަގުބޮޑު މުދާވެސް ދޫކޮށްފައެވެ. ގިނަ އާއިލާތައް ދިޔައީ ކާފަ އާއި މާމަވެސް ގޮވައިގެންނެވެ. އެމީހުންނަށް ރަނގަޅު ސިއްހީ ފަރުވާ ލިބިދިނުމަށެވެ.

ދުވަސްތަކާއި އެކު ހިޖުރަކުރި އާއިލާތައް ދިޔައީ އެމީހުން ހިޖުރަ ކުރި ތަންތަނުގައި ތިބެގެން ދިރުއުޅުން އާރާސްތު ކުރަމުންނެވެ. ހަމަ އެއާއެކު ރަށުގައި ދޫކޮށްފައި ދިޔަ ގެދޮރު ދިޔައީ ވީރާނާ ވަމުންނެވެ. ބެލެހެއްޓޭނެ ގޮތެއް ނެތީމައެވެ. ނަތީޖާއަކަށްވަނީ މުޅި ގޯތިި ފަޅުވެ ބޮޑެތި "ޖަންގަލި" ތަކަށް ބަދަލުވުމެވެ. މިހެން ވުމުގެ ސަބަބުން މި ފަޅު ގޯތިތަކުގެ އަވައްޓެރިން ދަނީ އެ ރައްޔިތުން އުފުލަން ނުޖެހޭ އެތައް ތަކުލީފުތަކެއް އުފުލަމުންނެވެ. ވަލުތެރެ ސާފު ނުކުރުމުގެ ސަބަބުން މަދިރި އާލާވަނީއެވެ. ނުބައި ވަސް ދުވަނީއެވެ. ވަލުތެރެ ބޯ ޖަންގައްޔެހެން ހެދި އަވައްޓެރިޔާގެ ފުރާޅު ހަލާކު ވަނީއެވެ. ގޯތި ވަށާއިގެންވާ މަގުގައި ބުރު ހެދި މަގު ޗަކަ ވަނީއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ. ހުޅުދޫގައި ފަޅު ގޯތި އިންތިހާއަށް ގިނަ ވުމުގެ ސަބަނުން، ވަރަށް ގިނަ އަވައްޓެރިން ދަނީ ވަރަށް ގިނަ ތަކުލީފު އުފުލަމުންނެވެ.

ފަޅުގޯތި ތަކުގެ ސަބަބުން ދިމާވާ އެހެން މައްސަލަތައްވެސް އެބަހުއްޓެވެ. ހުޅުދޫގައި ވަރަށް ގިނަ ފަޅުގޯތި މިހާރު ވަނީ ޑްރަގު "އައްޑާ" ތަކަށް ބަދަލުވެފައެވެ. މީގެ ސަބަބުން އެސަރަހައްދުތަކުގެ އަމާންކަންވަނީ ގެއްލިފައެވެ. އެ ސަރަހައްދުތަކުގައި "ވެރިކަން" ކުރަނީ އެމީހުންނެވެ. އެ ސަރަހައްދެއްގެ މައި ކަރުންޓްފޮށީގެ ކޮންޓްރޯލް އޮންނަނީ އެމީހުން އަތުގައެވެ. ގިނަ ފަހަރު މުޅި ސަރަހައްދު އޮންނާނި ކަނު އަނދިރީގައެވެ. މިކަމުގެ ހުރިހާ ތަކުލީފެއްވެސް ނަގަން ޖެހެނީ ރަށުގައި ދިރިއުޅޭ ރައްޔިތުމީހާއެވެ.

ފަޅު ގޯތިތަކުގެ މައްސަލަބޮޑު ރައްޔިތުންގެ ޝަކުވާ ބޮޑުވެގެން، މީގެ ދުވަސްކޮޅެ ކުރިން އައްޑޫ ސިޓީ ކައުންސިލްއިން ވަނީ، ފަޅު ގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިއުލާންކޮށް ފަޅު ގޯތި ތަކުގެ ވެރިންނަށް އެންގުންތަކެއް އަނގާފައެވެ، ނަމަވެސް މިކަމުގައި އެވެސް ކުރިއެރުމެއް ނުލިބެއެވެ. ސާފުކޮށް ބެލެހެއްޓުމަކީ ހަރަދު ހިނގާ ކަމަކަށް ވާތީ، މަލޭގައި ދިރިއުޅެމުން، ރަށުގެ ގެ ބަލަހައްޓާ ސާފުކޮށް ބޭއްވުމަކީ އުނދަގޫ ކަމަކަށްވެއެވެ. ހިނގާ ހަރަދު ބޮޑުވީމައެެވެ. ކަން މިހެން އޮތްކަމުގައި ވިޔަސް މަލޭގައި ދިއުޅޭ މަދުބަޔެއްގެ ރަށުގައި ހުންނަށް އެމީޙުންގެ ގޯތި ވަރަށް ރަނގަޅަށް ސާފުކޮށް ބަލަހައްޓާކަންވެސް ފާހަނގަ ކޮއްލަމެވެ.

ވީމާ ރައްޔިތުން އެދެނީ ވީހާވެސް ގިނަ ބަޔަކު، ރަށުގައި ހުންނަ އެމީހުންގެ ގޯތި ސާފުކޮށް ބަލަހައްޓާ އަވައްޓެރިންނަށް އުނދަގޫ ނުވާނެހެން ކަންކަން އިންތިޒާމު ކުރުމެވެ. އޭރުން ރަނގަޅު މާހައުލެއް ލިބި އޭގެ މަންފާ ރަށުގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ކުރާނެއެވެ.