ސަފުހާޚަބަރުރިޕޯޓްކުޅިވަރު
28 އޭޕްރީލް 2023
އެކި ކޮޅުކޮޅަށް ބޮޑެތި ބަސް ދުއްވާ އެބަނަގައެވެ. ދުއްވާފަދާއިރު ހީވަނީ އެހެންފަދަކެމެއް ހެންނެވެ. މުޅި މަގު ފުރާލާފައި ހިރަފުސް އަރުވަމުން މިހާވަރަ މި ބިޔަ ބޮޑެތި ބަސްތައް ދުއްވާއިރު މިިއިން ބަހަކުން އެއްވެސް މީހަކު ނުފެނެއެވެ. ބަސް ހުއްޓިއެއް ކައިރިން މީހަކު އަރާތަނެއް ނުފެނެއެވެ. މީހަކު ފައިބާ ތަނެއް ނުފެނެއެވެ. މި ވާގޮތެއް ބަލާލާނަމޭ ހިތާ މިއިން ބަހަކަށް އަރާ ހަބަރު ދަބަރު ބަލާލީމެވެ. ހުޅުމީދޫގައި އެމް.ޓީ.ސީ.ސީ އިން މި ދޭ ބަހުގެ ހިދުމަތުގެ މައުލޫމާތު ސާފު ކޮށްލިއިރު ކަމަކުދާކަށް ނެތެވެ، މީ ހަމަ އަޖައިބެއް ކަހަލަ ހިދުމަތެކެވެ.

ދަތުރުފަތުރު ކުރުމުގެ ނިޒާމަކީ ގައުމެއްގެ ތަރައްގީއަށް ކޮންމެހެންވެސް ބޭނުންތެރި އަސާސީ ހިދުމަތެކެވެ. އެއްތަނުން އަނެތްތަނަށް މީހުންނާއި މުދާ އުފުލޭނެ ހިދުމަތް ދޭންޖެހޭނެއެވެ. އަޅުގަނޑު އެކަމާ ދެކޮޅެއް ނަހަދަމެވެ. ހިދުމަތުގެ މުހިއްމު ކަމުން ދަތުރުފަތުރުގެ ނިޒާމަށް ދައުލަތުން ވަރަށް ބޮޑު ހޭދައެއްވެސް ކުރެއެވެ. އެކަމަކު ރަށަކަށް ނުވަތަ ސިޓީއަކަށް ހިދުމަތެއް ދޭން ފައްޓާއިރު އެތަނަކަށް އެ ހިދުމަތް ބޭނުންވަނީ ކިހާވަރަކަށްތޯވެސް ބަލާލަން ވާނެއެވެ. އަދި އެރަށެއްގެ ރައްޔިތުން އެ ހިދުމަތަކަށް ޑިމާންޑް ކުރަނީ ކިހާވަރަކަށްތޯވެސް ބަލާލަން ވާނެއެވެ. އެއްވެސް ކަހަލަ ބެލުމެއް ނުބަލަ ހިދުމަތެއް ތައާރަފު ކުރިޔަސް ކަމަކު ނުދާނެއެވެ.

އެމް.ޓީ.ސީ.ސީ އިން ހުޅުމީދޫގައި ދޭ ބަހުގެ ހިދުމަތަކީ މިކަހަލަ ދެއުޅިއެއްނުވާ ހިދުމަތެކެވެ. އަގުބޮޑެތި ބަސް ގެނެސް، ވަޒިފާއަށް މީހުން ވައްދާ މުޅި ރަށުގައި ބަސް ދުއްވާ އެބަނަގައެވެ. އެހިދުމަތް ބޭނުންކުރާނެ ބަޔަކު ނެތަސް މަހައްގެ މައްޗަށް އެތައް މިލިޔަން ރުފިޔާއެއް އަންދަމުން އެބަ ގެންދައެވެ. މީ ޒިންމާދާރު ގޮތެއް ނޫނެވެ. ހުޅުމީދޫ ރައްޔިތުން އެންމެ ބޭނުންވާ، އެކަމަކަށް އެންމެ ޑިމާންޑުކުރާ ފޭދޫ އަދި ހިތަދޫ ފެރީ ދަތުރުތަކާއި ކާގޯ ފެރީގެ ހިދުމަތް ރަނގަޅަށް ނުދެވިގެން އުޅޭއިރު، ބަޔަކު މީހުން ބޭނުން ނުކުރާ ހިދުމަތަކަށް ފާއިސާ އާއި ވަގުތު ބޭކާރު ކުރަނީ ކީއްވޭ ތޯއެވެ. މީއީ އެމް.ޓީ.ސީ.ސީއިން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ބޮޑު މައްސަލައެކެވެ. އެންމެ ބޮޑަށް ބޭނުންވާ ހިދުމަތްތަކަށް ލިބެންހުރި ފައިސާއާއި ވަސީލަތުގެ ބޭނުން ހިފަން އެބަޖެހެއެވެ. ފޭދޫ އަދި ހިތަދޫގެ ފެރީ ދަތުރުތަކަށް ބޭނުންވާ ލޯންޗް ހޯއްދަވާށެވެ. މަރާމާތު ކުރަން ސްޕެޔަރ ހޯއްދަވާށެވެ. ގާބިލު މީހުން ބިނާ ކުރައްވާށެވެ. ބޮއްސުންލާފައި އޮތް ކާގޯފެރީގެ ހިދުމަތް ރަނގަޅު ކޮށްދެއްވާށެވެ. ބަސް ނުދުއްވިޔަސްހެވެ.

ކަން މިހެން އޮތްކަމުގައިވިޔަސް ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ދުއްވާ ބަސް ދަތުރު ސްކޫލް ފެށޭގަޑީގަައާއި ސްކޫލް ނިމޭ ގަޑީގައި ބޭއްވުމަކީ އެންމެ ރަނގަޅުކަމެކެވެ. އެ ހިދުމަތުގެ ބޭނުން ކޮންމެވެސް ވަރަކަށް ދަރިވަރުން ހިފާތީއެެވެ. ބެލެނިވެރިންނަށް މިކަމުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބޭތީވެއެވެ. ސްކޫލް ބަހުގެ ހިދުމަތް ފުޅާކޮށް ބެލެނިވެރިންނާއި ދަރިވަރުން ސްކޫލް ބަހުގެ ހިދުމަތް ހޯއްދަވަން ބާރުއެޅުމަކީ އެންމެ ރަނގަޅުކަމެކެވެ.